ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 67.5 ޕަސެންޓް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިންޑިއަން އެގްޒިމްގެ 800 މިލިއަން ކްރެޑިޓްލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ސައިޓަށް ވަޑައިގެންފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އެ ބޭފުޅުންގެ ދަތުރުގައި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތުގެ ނަތީޖާ ހާސިލުވަމުންދާ މިންވަރާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންކަމާމެދު ކޮންޓްރެކްޓަރު، ކޮންސަލްޓަންޓް އަދި މަޝްރޫއުގެ ވެރިފަރާތް ކަމުގައިވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން މިއަދު ވަނީ ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުވެސް މީޑިއާއާ ހިއްސާކޮށްފައެވެ.
- 2.4 ކިލޯމީޓަރު ރަންވޭ އަދި އޭޕްރަންގެ 97 ޕަސެންޓް މަސައްކަތް ނިމިފައި. މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް
- 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ 51.4 ޕަސެންޓް މަސައްކަތް ނިމިފައި.
- 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައި. ސްޓްރަކްޗަރަލް މަސައްކަތް އެކީ ނިމި، މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް
- ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް 44.5 ޕަސެންޓް ވަނީ ނިމިފައި. އަދި ޓޭންކުތަކުގެ ފައުންޑޭޝަން މަސައްކަތް ނިމި ޓޭންކް ރޭވުމުގެ މަސައްކަތް ދަނީ ކުރިއަށް
- އެހެނިހެން އެންސިލަރީ ބިލްޑިންތަކުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. ގިނަ އިމާރާތްތައް ނޮވެމްބަރު މަހުގެ ނިޔަލަށް ނިމި ހަވާލުކުރެވޭނެ
- އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ 50 ޕަސެންޓް މަސައްކަތް ނިމިފައި
- މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓް މަސައްކަތް ނިމިފައި
- މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ މާރިޗް 2025 އަށް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.
އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު