ރާއްޖޭގެ ބާ ކައުންސިލުން މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ބާ އިމްތިހާނަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ މުއްދަތު 31 ޖުލައިގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެ އިމްތިހާބަށް ރަޖިސްޓްރީވުމަށް ފުރަތަމަ ހުޅުވައިލީ، މި މަހުގެ 13 ގެ ނިޔަލަށެވެ. ނަމަވެސް ބާ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި ކޯސް ނިންމި ކަމުގެ ލިޔުން ނުލިބުނު ކަމުގައި ވިޔަސް ކޯހުގެ ޓްރާންސްކްރިޕްޓްއާ އެކު ރަޖިސްޓާ ވެވޭނެ ކަމަށެވެ.
އެ އިއުލާނުގައި ބުނީ، ބާ އިމްތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި ރަޖިސްޓްރީވުމުގެ މުއްދަތު ފަސްކުރުމުން ޖޫން އަދި ޖުލައިގައި ކިޔެވުން ނިންމާ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
ބާ ކައުންސިލުގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ހަ ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، އަދި ޓޯޓް ލޯއެވެ.
ބާ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެ އަސާސީ ދެ ކަންތަކުގެ ތެރެއިން އެއް ކަންތަކެވެ. ބާ އިމްތިހާނުގެ އިތުރުން އަދި ތަމްރީން ޕްރޮގްރާމެއް ވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު