ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީއަށް ހުރި ޕްރޮޖެކްޓަތަކަށް އެކަނިވެސް ނުވަ ބިލިޔަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރަށް ބަޖެޓް ކޮށްފައި ހުރި، ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ އެއްވެސް އުއްމީދެއް އެބައޮތްތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އެ މިނިސްޓްރީއަށް ހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނަމަ ނުވަ ބިލިޔަން ރުފިޔާ ބޭނުންވާ ކަމަށެވެ.
މިއަހަރު ކުރިއަށްގެންދަން ސޮއިކޮށްފައި ހުރި މަޝްރޫއުތައް އެކަނި ކުރިއަށް ގެންދަންވެސް ހަތް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެ ކަންތައްތަކަށް އެ މިނިސްޓްރީއަށް ބަޖެޓުން ލިބެން ހުރީ ފަސް ބިލިޔަން ރުފިޔާއާ ގާތްކުރާ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭ ވަރަކަށްވެސް ފައިސާ ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 49 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އޭގެ ވަރަށް ބޮޑު ބަޔަކީ ދަރަނި ނަގައިގެން ހަމަޖަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ފައިސާ ހޯދުމުން ނޫނީ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފައިސާ ލިބޭއިރަށް އެ ހުރިހާ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެކަމަށް އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު