ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ބަންދުން ދޫކޮށްލައިފިއެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒްގެ އިތުރުން އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމާއި ހުސައިން ސަމީރެވެ. އެނގިފައިވާ ގޮތުގައި ސަމީރަކީ ސިހުރުވެރިޔާއެވެ.
ނަން ހާމަނުކޮށް ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރި 40 އަހަރުގެ އަންހެންމީހާ އާއި 26 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލީ ބަންދުގައި ބޭތިއްބުމަށް އެ މުއައްސަސާއަށް ނުފެންނާތީ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ނަން ހާމަނުކުރި ނަމަވެސް، އެނގިފައިވާގޮތުގައި އެ ދެ މީހުންނަކީ ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި 40 އަހަރުގެ ޝަމްނާޒް އަދި 26 އަހަރުގެ ސަނާއެވެ.
ޝަމްނާޒާއި އޭނާގެ ކޮއްކޮއާއެކު ހައްޔަރުކުރި ސަމީރު ވެސް ވަނީ ދޫކޮށްލައިފައެވެ. ސަމީރު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 29 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާއެކުއެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޝަމްނާޒް ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައިގައި ޝަމްނާޒް ހައްޔަރުކުރި ދުވަސްކޮޅު ރަމީޒުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު