ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން މިރޭ ފާސްކޮށްފިއެވެ.

ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އެ އަދަދު ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓު ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވިއެވެ.

މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށްވުރެ 1.8 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އަދި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ.