އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ފައިސާ ފޮނުވައިގެން ކޮންމެ ހަފުތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑު ލިބޭ ޕްރޮމޯޝަނެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލުން) އިން ފަށައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ބެންކުގެ ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކިން އެޕުން އިންޓާނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް ވޮލެޓް ތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

މިއަދު ފެށި އާ ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

"އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ. އެ ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ ފަސް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ،" ބީއެމްއެލުން ބުންޏެވެ.

އެ ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.