ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފިއެވެ.
ކަސްޓަމްސް އިން މި ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައެވެ.
މީގެ ކުރިން އެ ކަހަލަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000 ރުފިޔާ އެވެ.
އެ އުސޫލަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމްސް އިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000 ރުފިޔާ އަށް ވުރެ ބޮޑު ނަމަ، ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އަދި ޑިއުޓީ ނަގާނީ މުދަލުގެ އެފްއޯބީ އަގުން 10،000 ރުފިޔާ ކެނޑުމަށްފަހުގައި ކަމަށްވެސް މިއަދުން ފެށިގެން އަމަލުކުރަން ފެށި އުސޫލުގައިވެއެވެ.
އުސޫލުގައި ބުނީ، އެފްއޯބީގެ އަގު 10،000 ރުފިޔާއަށް ވުރެ ދަށް ނަމަވެސް، އެތަކެތީގެ ބާވަތާއި އަދަދާއި އަގަށް ބަލާއިރު، އެއީ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭ ނަމަ، ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ޑިއުޓީ ވެސް ނަގާނެ ކަމަށެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނީ، ޑޮކްޓަރެއްގެ ބޭސް ސިޓީއާ އެކު ގިނަވެގެން ހަ މަސް ދުވަހަށް ގެންނަ ބޭހުން ޑިއުޓީއެއް ނުނަގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު