ކޮވިޑް-19ގެ ހާލަތުން ވީއްލިގެން އައިއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަ ކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅަކީ ހަރަދު ކުޑަކުރުން ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވުމާ ހަމައަށްވެސް އެ ސިޔާސަތުތައް ތަންފީޒުކޮށްފައި ނެތުމުން ދަރަނީގެ އަދަދު ދިޔައީ އިތުރުވަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑުގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިގުތިސާދަކީ ރާއްޖޭގެ އިގުތިސާދު ކަމަށެވެ. އަދި މި އަހަރާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިގުތިސާދު ހަލުވިކަމާއެކު ކުރިއަރާނެ ކަމަށޤ އަންދާޒާ ކުރެވޭ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2022 ވަނަ އަހަރު އެ މިނިސްޓްރީން ހުށަހަޅާއިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ހާލަތާއި ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ.
ނަމަވެސް ކޮވިޑުގެ ހާލަތުން ވީއްލިގެން އައި އިރު، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުކޮށް އޮތުމުގެ ނަތީޖާއަކަށް ވެފައިވަނީ ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަންޖެހޭ ދަރަނީގެ އަދަދު އިތުރުވުން ކަމަށް ބުންޏެވެ.
"މިކަމުގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު، މެދު ރާސްތާގައި 'ހައި ރިސްކް އޮފް އޯވަރޯލް ޑެޓް ޑިސްޓްރެސް' ނުވަތަ ދަރަނި އަދާ ނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ 2022 ވަނަ އަހަރުގެ އާޓިކަލް-4 ކޮންސަލްޓޭޝަން ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައިވެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ދިއުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބު ކަމަށެވެ.
އޭގެ އިތުރުން 2024 ވަނަ އަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދު ތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުތައް ކުޑަ ކުރާނެ ކަމަށް ބަޔާންކޮށް ކޮންސެޕްޗުއަލް ފްރޭމްވޯކެއް ތައްޔާރުކޮށްފައި އޮތް ނަމަވެސް ވެރިކަން ބަދަލުވުމާ ހަމައަށްވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަންވެސް މިނިސްޓްރީން ބުންޏެވެ.
"އަދުގެ ސަރުކާރުން މި އަންނަނީ މި އިސްލާހުތަކާއި ގުޅޭ ތަފުސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި، ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު