ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ހޯކްސްއިން ޔޫރަޕްގެ މޮނާކޯގައި އޮފީހެއް ހުޅުވައި ތެޔޮ ވިއްކުމުގެ ވިޔަފާރި ފަށައިފިއެވެ.

ޔޫރަޕްގައި ވިޔަފާރި ކުރުމަށް އުފެއްދި، ހޯކްސް މޮނާކޯ އެސްއޭއެމް ކުންފުނިން ބޭރުގެ މީޑިއާތަކާ ހިއްސާކުރި ނޫސް ބަޔާނެއްގައި ބުނީ މޮނާކޯގައި ހުޅުވި އޮފީހުން ކުރާނެ މައިގަނޑު ވިޔަފާރިއަކީ އެތަނަށް ބަނދަރުކުރާ މަތީ ފެންވަރުގެ ޔޮޓްތަކަށް ބޭނުންވާ ތެޔޮ ވިއްކުން ކަމަށެވެ.

މޮނާކޯ އޮފީހުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މަތެއޯ މޯޝިއާނޯއެވެ. އަދި މާކެޓިން އާއި ސޭލްސްގެ އިސްވެރިއަކަށް ހަމަޖައްސާފައި ވަނީ ފަބިއޯ ސްކަމުއްޒީއެވެ.

ހޯކްސްއިން މި ފަހުން ވަނީ ހުޅުމާލޭ ދެވަނަ ފޭސްގައި ސްމާޓް، ފެޓްރޯލް ޝެޑެއް ވެސް ހުޅުވައިފައެވެ.