ސަރުކާރުގައި ތިބި ސިޔާސީ މުވައްޒިފުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުންނަށް ވަޒީގައި ތިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރަ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަ ކުރަން އިސްލާހީ ބަދަލުތަކެއް ގެންނަ ވާހަކަ މިނިސްޓަރު ދައްކަވާ އިރު، އަދި މިދިޔަ ސަރުކާރުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ބަޖެޓަށް ބާރު ބޮޑުވެފައިވާ ވާހަކަ މިނިސްޓަރު ދައްކަވާ އިރު، މިސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2000 އިން މައްޗަށް އަރާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ކަންތައްތަކަށް މަހަކު 100 މިލިޔަން ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރައަށް ހަރަދުވާ އަދަދު ސާފުކޮށް ދިނުމަށް މެންބަރު މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ، ހަރަދު ކުޑަކުރުމަށްޓަކައި ގެންނަ އިސްލާހުގެ ތެރެއިން ފުރަތަމަ އިސްކަން ދޭނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުން ވަކި ކުރާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕާފޯމް ނުކުރާ މުވައްޒަފުންނަށް ސަރުކާރު ހިންގުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެފުރުސަތު އޮންނާނީ ރަނގަޅަށް ޕާފޯމް ކުރާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ މުސާރަައަށް ހަރަދު ކުރާ އަދަދެއް މިނިސްޓަރު ހާމައެއް ނުކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެ އަދަދުތައް ޖެހޭނީ ބައްލަވަން ކަމަށެވެ.