ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ގެންގުޅޭ ކޮންމެ މީހަކަށް މަހަކު 27،000 ރުފިޔާ ހަރަދުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އިހުސާން މިއަދު ވިދާޅުވީ، ޖަލުގައި ބަލަހައްޓަމުންދާ މީހަކަށް ދައުލަތުގެ ބަޖެޓުން މަހަކު 27،000 ރުފިޔާ ހޭދަކުރަން ޖެހުމަކީ ބޮޑު ހަރަދެއް ކަމަށެވެ. އަދި އެއީ ބޭރުގަމުތަކުން ކުރާ ހަރަދަށް ވުރެ ބޮޑު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ޖަލުގައި ބަލަހައްޓަންޖެހޭ ކުށްވެރިއަކަށް އެ ހާބޮޑު ހަރަދެއް ކުރަން ޖެހެނީ ޖަލުތައް އެކި ތަންތަނުގައި ގާއިމްކޮށްފައިވާތީ ކަމަށެވެ.

"ޖަލު ތަކަކީ ވަކި ކަންތައްތަކެއް އެތަންތަނުގައި ގާއިމްވެފައި ހުންނަންޖެހޭ ތަންތަން، އެގޮތުން ލޮޖިސްޓިކްސް އާއި ސަޕޯޓާއި ސެކިއުރިޓީ އާއި މެއިން ޓެނަންސާއި އެޑްމިނިސްޓްރޭޝަނަކީ ކޮންމެ ޖަލެއްގައިވެސް ހުންނަންޖެހޭ،"

މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އެއްޖަލު ފެސިލިޓީއަށްދާ ކޮންސެޕްޓެއް މިހާރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އޭރުން އެތައް ގުނައަކަށް ހަރަދުތައް ކުޑަވެ، ތަނުގެ ބެލެހެއްޓުން ހަރުދަނާވެ، ޖަލަކީ މީހުން އެހާ ގިނަ ދުވަހު ބައިިތިއްބަން ޖެހޭ ތަނަކަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ޖަލުގެ ފެސިލީޓި ގާއިމް ކުރެވިގެންދާނީ ބައިނަލް އަގުވާމީ މިންގަޑަށް، ހާއްސަކޮށް މަންޑޭލާ ޕްރިންސިޕަލްސްއާ އެއްގޮތަށް ކަމަށެވެ. އޭގެ ތެރެއިން ޖަލު ޑިޒައިން ކުރެވޭނީ ފުލް ރިހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އޭރުން ޖަލަށް ވަންނަ މީހާއަށް ފައިސާވެސް ލިބޭނެ، މުސާރަވެސް ލިބޭނެ އޭނާ،"

މިނިސްޓަރު ވިދާޅުވީ އޭރުން ޖަލުގެ ރިހެބިލިޓޭޝަން ޕްރޮސެސް ޑިޒައިން ކުރާނީ ގިނަ ދުވަސްވަންދެން މީހުން ޖަލުގައި ބެއިތިއްބުމުގެ ބަދަލުގައި އެ ޕްރޮސެސްގައި ބައިވެރިވާ މިންވަރަކުން ޖަލުގެ މުއްދަތު ކެނޑެމުންދާ ގޮތަށް ކަމަށެވެ. އަދި އޭރުން ޖަލުން ނުކުންނަ މީހުންނަކީ ސޮސައިޓީން ބަލައިގަންނަ އަދި އެމީހުންނަކީ ސޮސައިޓީގައި އުޅެން ބޭނުންވާ ބަޔަކަށް ވެގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ޖަލު އޮތީ އޯވަ ކްރައުޑް ވެފައި ކަމަށާއި ޖަލުގެ ހާލަތު ގޯސް ކަމަށެވެ. ނަމަވެސް ލިބިފައި ހުރި ވަސީލަތްތަކާއި ތިބި މީހުން ބޭނުންކޮށްގެން ބެލެހެއްޓޭނެ އެންމެ ރަނގަޅަކަށް ޖަލުގެ ކަންތައް ބަލަހައްޓަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.