ގދ. ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ 8 އަހަރުގެ ކުއްޖާ ފެނިއްޖެއެވެ.

ފިޔޮރީ ކައުންސިލުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ހޯދަމުން ގޮސްފައިވަނީ އެ ރަށު މަރިޔަމް މީނަލް މުހައްމަދު (އަޗޫ ދިޔެ) ކަމަށެވެ. އަދި އެ ކުއްޖާ ގެއްލިފައިވަނީ މިއަދު ހަވީރު 5:35 ހާއިރު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ފުލުހުން މިރޭ ބުނީ، އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. ކުއްޖާ ފެނުނު އިރު ހީކަރުވައި، ވަރުދެރަވެފައި ހުރުމުން، ކުއްޖާ ސިއްހީ މަރުކަޒަށް ގެންދެވިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ފިޔޮރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ، އެ ކުއްޖާ ފެނުނީ މީގެ އިރުކޮޅެއް ކުރިން ފަޅު ގޯއްޗެއްގެ ތެރޭގައި ވެއްޓިފައި އޮއްވައި ކަމަށެވެ. އަދި މިހާރު އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.