ތ. ވޭމަންޑޫގައި ލައިސަންސް ނެތި ދުއްވި މީހަކާ ދިމާލަށް ފުލުހަކު އަވަގުރާނަ ގޮވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ތ. ވޭމަންޑޫގައި ލައިސަންސް ނެތި މިމަހުގެ 12 ވަނަ ދުވަހު ސައިކަލު ދުއްވި ޒުވާނެއްގެ ސައިކަލު ޓޯކުރުމުގައި ފުލުހަކު އަމަލުކުރިގޮތް ގޯސް ކަމަށް ބުނެ، އެ މީހާގެ އާއިލާގެ މެންބަރަކު އެވާހަކަތައް ޗަބޫ ޝޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، ޖޫން 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށެވެ. އަދި އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ދަނިކޮށް، ހުއްޓުވައި ލައިސަންސް އޮތްތޯ ބެލި އިރު ލައިސަންސް ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި، މުއާމަލާތު ކުރުމުގައި ހިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެ ހާދިސާ އިތުރަށް ބެލުމަށްފަހު މި ހިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.
އާއިލާގެ ފަރާތުން ބުނީ ފުލުސް މީހާ، އެ ޒުވާނާއާ ހަޑިހުތުރު ބަހުން މުއާމަލާތް ކުރި ކަމަށާއި އެގޮތުން އޭނާއާ ދިމާލަށް އަވަގުރާނަ ގޮވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު