ބުނީ, މާތް ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު އިސްލާމް ދީނުގެ އުސޫލުތަކަށް ތަބައަވާންޖެހޭ ކަމަށާއި ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭ ކަމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.

އަޟުހާ އީދު ދުވަހުގެ ހުތުބާގައި ބުނީ, ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ މާތް الله އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށާއި އޭރުން މާތް الله އަށް ބިރުވެތިވެ, އެކަލާނގެއަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އަންނާނެކަން ގަބޫލުކުރާ ބަޔެއްގެ މެދުގައި ފަސާދަތައް މަދުވާނެ ކަމަށެވެ.

ގައުމަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ އަދި އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުން ކަމަށާއި އެ ކަންކަން އެ ބަޔަކަށް ހާސިލުވާނީ, ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ, އެއްބައިވަންތަ ބަޔަކަށްވެ, އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މުސްލިމުންނަކީ މާތް الله އިސްލާމްދީނުގެ ސަބަބުން އިއްޒަތްތެރިކަން ދެއްވައިފައިވާ ބައެއް ނަމަވެސް މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައި ކަމަށެވެ. އެކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ ފަލަސްތީނުގެ ރަފަހާއި އައްޒާއާއި އެހެނިހެން ބިންތަކަށް ޔަހޫދީން ވެރިވެގަނެފައިވީ ހިނދުވެސް މީސްތަކުންގެ އަދަދާއި ގުދުރަތީ ވަސީލަތްތައް ގިނަވެފައިވާ މި އުއްމަތް, ފަލަސްތީންގެ އަހުންނާއި އުހުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމަށް ބުންޏެވެ.

އެހެންކަމުން ހުތުބާގައި ވަނީ އިސްލާމީ އުންމަތް ބިނާކުރުމަށާއި އިލްމާއި ތައުލީމު ކުރިއެރުވުމުގައި ކުރިއަރައިދިއުމަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. އަދި މާތް الله އާއި ކީރިތި ރަސޫލާގެ އަދުއްވުން, އިސްލާމް ދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށްވެސް ގޮވާލިއެވެ.