ސަރުކާރުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ހިތުވުންވުމާއި އޯގާތެރިކަމާއެކު މުއާމަލާތްކުރުމަށް ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

މި އަހަރުގެ "ސިވިލް ސާވިސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމަށް ސިވިލް ސާވިސްގެ ދައުރު ބޮޑު ކަމަށެވެ. އެގޮތުން އެއިރަކު އޮންނަ ސަރުކާރަކުން ބޭނުންވާ އަމާޒަށް ގައުމު ގެންގޮސްދީ ވައުދުތައް ފުއްދުމަށް އެހީތެރިވެދެނީ ސިވިލް ސާވެންޓުން ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ވަރަށް ހިކުމަތްތެރިކަމާ އެކު ވަރަށް ކެތްތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ، ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ލިބި، ޒަމާނީ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ދެ ކަމަކަށް ސިވިލް ސާވެންޓުންގެ ކިބައިން އެދިލައްވައިފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ހިނިތުންވުމާއި އޯގާތެރި ހިދުމަތެއް ދިނުމެވެ.

"ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަކީ ހިދުމަތް ހޯދަން އަންނަ ކޮންމެ ދޭސީއަކާއި ބިދޭސީއަކާ އޯގާތެރިކަމާއެކު މުއާމަލާތްކުރާ ބޭފުޅަކަށްވުމަށް އަޅުގަނޑު އެދެން،" ނައިބު ރައީސް ވިދާޅުވިއެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ޓެކްނޮލޮޖީއާ ރައްޓެހި ހިދުމަތެއްދީ، ހިދުމަތްތައް އަވަސްކުރުމަށް އިސްކަން ދިނުމަށެވެ. އެގޮތުން އޮންލައިންކޮށް، ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސީއެސްސީއަށް ސަރުކާރުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.