ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލި "ބޭންކް ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.

ދެލައްކަ ރުފިޔާ ލިބޭ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލީ މިދިޔަ މަހުގެ 21 ގައެވެ.

ބީއެމްއެލުން މިއަދު ބުނީ ބޭންކް ފަންޑް އަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގެ ހޯމަ ދުވަހު ރޭ 11:00 އަށް ހަމަވާނެ ކަމަށެވެ.

ބޭންކް ފަންޑަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ތައުލީމު، ކުޅިވަރު ތިމާވެށި އަދި މުޖުތަމައުއަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަށެވެ. އެ ޕްރޮޖެކްޓްތަކަކީ ސަސްޓޭނަބަލް އަދި މުޖުތަމައަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަކަށް ވާންޖެހެއެވެ. އަދި ޕްރޮޖެކްޓުތައް މެދުވެރިކޮށް އާމްދަނީވެސް ހޯދިދާނެއެވެ.

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެއެވެ.

ބޭންކް ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ [ވެބްސައިޓް](https://www.bankofmaldives.com.mv/bank-fund) އިން ލިބޭނެއެވެ.

ދެހާސް ނަވާރަ އިން ފެށިގެން އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް ބީއެމްއެލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.