ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން މިއަދު ރަސްމީކޮށް އިފުތިތާކޮށްފިއެވެ.

އިސްކަންދަރު އިމާރާތުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިޔާތު އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއްދޭން ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއަކީ ރައްކާތެރި ގައުމަކަށް ހަދަން ފުލުހުންގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ ގޭންގު މާރާމާރީތައް ހުއްޓުވުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ އިތުރުން ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތް ހެދުން އަދި ޓްރެފިކް ގަވާއިދާ ހިލާފުވުން ހުއްޓުވުމަށް ހިމަނާފައިވެއެވެ.

މީގެ އިތުރުން ސައިބާ ކްރައިމް އާއި ޓެރަރިޒަމާއި ވައިލެންޓް އެކްސްޓްރީމިޒަމްގެ އިތުރުން ގެވެށި އަނިޔާ އާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ޕަބްލިކް ޑިސްއޯޑާ ހިމެނޭހެން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރުމަށް ޕްލޭންގައި ހިމަނައިފައިވެއެވެ.

ފުލުހުންނާއި މުޖުތަމައުއާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިން މޮޑެލެއް ތައާރަފުކޮށް އޭގެތެރެއިން ފުލުހުންގެ ހިދުމަތް ތަރުތީބުކޮށް މަސައްކަތް ކުރުމަށް ވެސް ޕްލޭންގައި ހިމަނާފައިވެއެވެ.

ހާއްސަ އިސްކަމެއް ދިނުމަށް އެ ޕްލޭންގައި ހިމަނާފައި ވަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން ވެސް ހިމެނެއެވެ.

ފުލުހުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައި ފުލުހުންގެ ތެރޭގައި ގާއިމު ކޮށްފައިވާ ޑިޕާޓުމެންޓުތަކާއި ސިސްޓަމްތަކާއި ޕްރެސްތަކާއި ގަވާއިދުތަކުގެ އިތުރުން ޕޮލިސީ އަދި ޕްރޮސީޖަރުތައް ރިވިއުކޮށް ރަނގަޅު ކުރަން އިސްކަން ދިނުމާއި ކޯ ޕޮލިސިން ފަންކްޝަންތައް ހަރުދަނާ ކުރުން ވެސް ޕްލޭންގައި ހިމަނާފައިވެއެވެ.

އެންމެފަހު ކަމަކަށް ޕްލޭންގައި ހިމަނައިފައި ވަނީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތަކަށް ހަދައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުމެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މި ޕްލޭންއާ އެކު ފުލުހުންގެ ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވި، ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހާސިލްވެގެންދާނެ ކަންކަންވެސް ޕްލޭންގައި ހިމަނާފައިވެއެވެ. އެއީ:

  • މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޖެޓީއަކާ އެކު ޑްރަގު އަދި ވައިލެންޓް ކޮމާންޑެއް ގާއިމް ކުރުން
  • ސްކެމްގެ ޝިކާރައަކަށް ވުން މަދުކުރުމަށްޓަކައި އެންޓި ސްކެމް ސެންޓަރެއް ގާއިމް ކުރުން
  • ނޭބާހުޓް ޕޮލިސިން އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަންފީޒުކުރުން
  • މުސްތަގުބަލަސް ފޯކަސް ކުރާ އަދި ޑޭޓާ ޕޮލިސިން ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމްކުރުން
  • ސިޓީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުން
  • ޕޮލިސް ބޭސިކް ތަމްރީނުކޮށް އިސްލާހު ކުރުން
  • ލީޑާ ޝިޕްއަކަށް ބޭނުންވާ މިޑްކެރިއާ ތަމްރީނު ޕްރޮގްރާމް ތައާރަފްކުރުން
  • ޕޮލިސިން ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޮގަނައިޒޭޝަންގެ ގަވާނަންސް ސިސްޓަމްގައި އެ ފްރޭމް ވޯކް ގާއިމްކޮށް ފުޅާކުރުން

އެ ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގެ ނުވަތަ ފުލުހުންގެ މުސްތަގުބަލުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލީ ރާއްޖޭގެ ނުވަ ރަށެއްގެ ގާތްގަޑަކަށް 2500 މީހުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"އޭގެ ތެރޭގައި ރަށްރަށުގެ ތަފާތު މިންތި އާއި ގިންތިތައް ހިމެނޭހެން، މީހުންގެ ވިސްނުމާއި އަދި ސިޓީތަކުގައި އުޅޭ މީހުންގެ ވިސްނުން ހިމެނުމަށް މަޝްވަރާ ކުރި. އެގޮތުން ދިވެހި ފުލުހުންގެ ގާނޫނުން ތަސައްވަރު ކުރާ ފަދަ ދިވެހި ފުލުހުންގެ މުވައްސަސާއެއް ގާއިމްކުރުމަށް އެ ހިދުމަތަށް ބޭނުންވާ އެކިއެކި ފަންނީ އިލްމީ ކަންކަން ހިމެނޭގޮތަށް ޒަމާނީ ފަހި މުވައްސަސާއެއް ހިންގުމަށް މަސައްކަތްކުރަމުން،" ޝިފާން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.