ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން މިދިޔަ ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމިފައިވާތީ އެ ކޮމިޝަން މިއަދު އުވާލައިފިއެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަރު ކޮމިޝަން އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރުވެސް އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް ނިމިފައެއް ނުވެއެވެ.

އެހެންވެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މިދިޔަ މެއި މަހު ދަންމަވައިލައްވައިފައެވެ.

މިދިޔަ ޑިސެމްބަރު މަހު މި ސަރުކާރުން ބުނި ގޮތުގައި، މަރު ކޮމިޝަނުން 27 މައްސަލައެއް ބެލިއިރު ރިޕޯޓް އެކުލަވާލައި ރައީސް އޮފީހަށް ލިބިފައިވަނީ ތިން މައްސަލައެކެވެ. އޭގެ ތެރެއިން އެ ކޮމިޝަނުން ބަލައި ދައުވާކުރުމަށް ޝަރީއަތަށް ފޮނުވި ހަމައެކަނި މައްސަލައަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ކަމަށްވެސް ބުންޏެވެ.

މި ކޮމިޝަން އުވާލުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮމިޝަން އުވާލެއްވީ ހަވާލުކުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.