ރާއްޖޭގެ ވޯޓާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބިއްޖެއެވެ.
މިހާރު ކުރިއަށްދާ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފައިވަނީ އެ ޖަމާއަތުން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައެވެ.
ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމުގެ ގަރާރު ފާސްކޮށްފައިވަނީ 101 ގައުމުގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ފަސް ގައުމަކުން ވޯޓުދިން އިރު، 21 ގައުމަކުން އެއްވެސް ކޮޅަކަަށް ވޯޓު ދީފައެއް ނުވެއެވެ.
ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ވުމުން، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބަޖެޓު ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަރާރަކީ ރާއްޖެ އިން ކޯ ސްޕޮންސަ ކޮށްގެން ހުށަހެޅި ގަރާރެއް ކަމަށެވެ. ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުން ދައްކައި ދިނީ ގިނަ ގައުމުތަކުން ތިބީ ފަލަސްތީނާ އެކު ކަން ކަމަށެވެ.
ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ލިބުމުން، އެކަމަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑަބްލިޔުއެޗްއޯގައި ފަލަސްތީނުގެ ދައުރު އިތުރުކޮށް، އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ގަރާރަށް (ޑަބްލިޔުއެޗްއޯގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ ގަރާރަށް) ވޯޓު ދިން 101 ގައުމުގެ ތެރެއިން ގައުމެއް ކަމަށެވެ. އަދި އެއީ ފަލަސްތީނުގެ ފުރިހަމަ ދައުލަތަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ގަރާރަށް ރާއްޖެއިން ތާއީދުކުރަން ނިންމީ، ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަން އެ ގައުމަށް ލިބުމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާތީ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުނު އިރު، އދ. އިން ވަނީ މި މަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ޖަމާއަތުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު