ހޮންޑިއުރަސްގައި ޑެންގޫ ކޭސްތައް ގިނަވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ޑެންގޫ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އިރު، ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހުކުރު ދުވަހުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހޮންޑިއުރަސްގެ ސަރުކާރުން ވަނީ ޑެންގޫ ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ބަލިމަޑުކަން ނައްތާލުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް ނިންމައިފައެވެ.

ހޮންޑިއުރަސްގެ ހެލްތް މިނިސްޓްރީ އިން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގައި މިއަހަރުގެ ފުރަތަމަ 20 ހަފުތާ ތެރޭ 23،037 ޑެންގޫ ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

ޑެންގޫ ކޭސްތައް ހޮންޑިއުރަސްގެ އިތުރުން އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ވަނީ ކޭސްތައް ފެންނަން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.