މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދުންފަތާ ދުރަށްދިއުމަށް އެހީތެރިވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް އެމްއޭސީއެލުން، ދަމަނަވެއްޓާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓާ މޫސާ ހަނީފްއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލް އަދި ދަމަނަވެށީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއޭސީއެލުން އިއްޔެ ބުނީ އެ އެއްބަސްވުމުގެ ދަށުން، އެމްއޭސީއެލްގެ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލި އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުމަށް އެ އެއްބަސްވުމުގެ ތެރެއިން އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ދަމަނަވެއްޓާ ގުޅިގެން ކައުންސެލިން ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކައުންސިލް ދިނުމުގެ ގޮތުން އެޑިއުކޭޝަނަލް ވޯކްޝޮޕް ހިންގުމާއި ސަޕޯޓު ގުރޫޕް އުފެއްދުމުގެ އިތުރުން ތަފާތު އެކިއެކި ހަރާތްކާތަކުގެ ތެރެއިން ދުންފަތާ ދުރައްދިއުމަށް މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ވަނީ ބައިނަލް އަގުވާމީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ދުވަހާ ގުޅުވައިގެން ދަމަނަވެއްޓާ ގުޅިގެން ދުންފަތުގެ ނުރައްކަލާ މެދު ހޭލުންތެރިކަން އުފެއްދުމަށް ކުރެހުމުގެ މުބާރާތެއް ވެސް ބާއްވައިފައެވެ.