ސަރުކާރު ހަރަދު ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ބަޖެޓުން ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޖުމުލަ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގެ ޑެފިސިޓް ހަމަޖެއްސުމަށް 17 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ސަބްސިޑީ ކަނޑައެޅުމަށްޓަކައި ބަޖެޓުގައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ، ރައީސްގެ ވިސްނުންފުޅު ހުރީ އާންމުންނަށް އެންމެ ފައިދާވާ ގޮތަށް، އިސްރާފުތައް ކުޑަކޮށްގެން ދިވެހިންނަށް އުފާވެރި އޯގާތެރި ވެރިކަމެއް ކޮށްދިނުން ކަމަށެވެ.
ނަމަވެސް ސަރުކާރު ހަރަދު ކުރުމަށް އަޅާ ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގައި މި ހާލަތުގައި އޮތް އިހުތިޔާރެއް ނޫން ކަމަށާއި ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"2023 ވަނަ އަހަރުވެސް ވަރަށް މުހިންމު ކަމެއް ދީގެން ކުރަންޖެހޭނެ ކަމަށް ދެކިގެން ބަޖެޓް ކުރެވޭ ކަންތައްތައް. ނަމަވެސް ރިފޯމް ކުރުމުގައި ފަސްޖެހިފައިވަނީ. އިސްލާހީ ބަދަލުތައް ގެނައުމުގައި ފަސްޖެހިފައިވަނީ. އެކަމަކު ރާއްޖޭގައި މި ހާލަތުގައި ރިފޯމަކީ އޮޕްޝަނެއް ނޫން. ކުރަންޖެހޭނެ ކަމެއް. އަދި އެކަން ކުރުމުގައި މި ސަރުކާރު ފަސްނުޖެހޭނެކަން ޔަގީން،" ޝަފީގު ވިދާޅުވިއެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހު، ޓާގެޓް ސަބްސިޑީއަށް އަމަލުކުރަން ފަށަންޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށް ޝަފީގު ސީދާ ވިދާޅެއް ނުވެ އެވެ.
ޝަފީގު ވިދާޅުވީ، ސަބްސިޑީ ރިފޯމުތައް ގެންނަ އިރު، އެކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަމުގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަންނަން ޖެހޭނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެނެސް، އެކަމުގެ ފައިދާ ރާއްޖެއަށް ފެންނާނެ ކަމަށާއި ނަމަވެސް އެއީ ކުރު މުއްދަތަކަށްވުރެ ދިގު މުއްދަތުން ފައިދާ ފެންނާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އުއްމީދުކުރަނީ ފަސް ބިލިއަން މަދުވެގެން ސަލާމަތް ކުރެވޭނެ ކަމަށް. އިރާދަކުރެވިއްޔާ އެއަށްވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ. މިހާރަށް ބަލާއިރު ވަރަށް ރަނގަޅަށް ސޭވް ކުރެވިފައި،" ޝަފީގު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު