މިއަދު މަސައްކަތް ފެށި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ގަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އެ ގަވާއިދު ހެދެން ދެން މީގެ ކުރިން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމަށް ވެސް މަޖިލީހުން މިއަދު ފާސްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި ރިޔާސަތަށް ވަޑައިގެން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލަންޖެހޭ އެ މަޖިލިސް ހިންގުމުގެ ގަވާއިދާ ބެހޭ ގޮތުން ގޮތެއް ނިންމުމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި މަޖިލިސް ތަޅުމަށް ހުށަހަޅުއްވާ ކަމަށެވެ.

އަދި މިއަދު އުފެދުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ގަވާއިދެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިކުރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ ގަވާއިދުތަކާއި އުސޫލުތައް މަޖިލީހުން ހަދަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ހިންގުމުގެ ގަވައިދުތަކާއި އުސޫލުތަކެއް ކަނޑައަޅަންދެން މަޖިލިސް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއާ އެކު ގަވާއިދު އެކުލަވާލަންދެން، މެދު ކެނޑުމެއް ނެތި މަޖިލިސް ހިންގާނެ ގޮތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް ބައިގަޑިއިރުގެ ފުރުސަތެއް ރިޔާސަތުން ހުޅުވައިލެއްވިއެވެ.

އެ ފުރުސަތުގައި މަޖިލިސް ޖަލްސާތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލައި ފާސް ކުރަންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަދުވަހުގެ ނިޔަލަށް ގަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް ފަލާހު ހުށަހެޅުއްވިއެވެ.

ފަލާހުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިިމް މުހައްމަދެވެ.

މި ހުށަހެޅުން މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 90 މެންބަރުން ވޯޓު ދެއްވައިގެންނެވެ.