ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ގަސްތު ނުކުރާ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގެންނަ ރައްޔިތުންނަށް ފައިދާވާ ހުރިހާ ބިލެއްވެސް ފާސްކުރާނެ ކަމަށެވެ.

ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރާނެތޯ ނޫސްވެރިޔަކު އެހުމުން ފަލާހް ވަނީ، އެ ފަދަ ކަމެއް ކުރަން ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑުކުރަން އަޅުގަނޑުމެން ގަސްތެއް ނުކުރަން" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، މަޖިލީހުގެ ބޮޑު ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް މައިނޯރިޓީއަށް އިހުތިރާމު ކުރާނެ ކަމަށާއި ކުރިއަށްދާނީ އެ ގޮތުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ މަޖިލީހުގެ މެންބަރުންނަށްވެސް މުސާރައާ އެލަވަންސްގެ ގޮތުގައި 80،000 ރުފިޔާ ލިބެއެވެ.