ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ބަލަހައްޓަވައި ދެއްވައިފިއެވެ.

‎އެ ކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސް ބެލެހެއްޓެވީ އިއްޔެ މެންދުރު ކުރިއަށް ގެންދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ.

‎"ޗާޓިން ދި ކޯސް ޓުވާޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ"ގެ ތީމްގެ ދަށުން ކުރިއަށްދާ އެ ކޮންފަރެންސްގައި މައުލޫމާތު މުއްސަނދި ބަހުސްތަކާއެކު ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎އެ ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސް ވަނީ ސިޑްސްގެ ގައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ގައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ މަހާސިންތާގެ ހަވާސާގައި ރައީސް ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ބައްދަލުކުރައްވައި ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަދި ރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުން ކަމަށެވެ.