ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފުކޮށްފިއެވެ.
ޖެން ހޮޓެލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާޑު ތައާރަފު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އާއި ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސްގެ ވީޕީ/ޖީއެމް ޑިވްޔާ ޖައިން އަދި ބީއެމްއެލްގެ ޑައިރެކްޓަރު އޮފް އިސްލާމިކް ބެންކިން ހަސަން ކަމާލްއެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ އިސްލާމިކް ކްރެޑިޓް ކާޑަކީ ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފުކުރި ކާޑެއް ކަމަށެވެ.
އަދި އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގުރާމުގައި ރަޖިސްޓްރީކޮށް އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކުގައި ކްރެޑިޓް ކާޑުން ކުރާ މުއާލަތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އެ ކާޑު ބޭނުންކޮށްގެން ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗާ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެއެވެ.
ރަސްމިއްޔާތުގައި ހަސަން ކާމިލް ވިދާޅުވީ، އިސްލާމިކް ކްރެޑިޓް ކާޑެއް ތައާރަފު ކުރުމަކީ ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށޤ ތަރައްގީ ކުރުމަށް އެހީވުމަށް ކުރާ މަސައްކަތުގެ މުހިންމު ބަޔަކަށްވާތީ އެއީ ލިބޭ އުފަލެއް ކަމަށެވެ.
"ބީއެމްއެލްގައި މިހާރު ހުރި ފޮރިން ކަރަންސީތަކުގެ ހިދުމަތްވެސް މިހާރު ލިބޭނެ. ކޮންމެ ކާޑަކަށްވެސް އެޕްލައިކުރާ ފަރާތްތަކުގެ ލިބޭ އާމްދަނީއަށް ބަލާފައި ލިމިޓެއް ކަނޑަށް އަޅާނީ. އެޕްލައި ކުރެއްވީމައި ލިމިޓް ކާޑަށް އަޅާފައި އެ މީހަކާ ކާޑު ހަވާލުކުރާ ގޮތަށް" ކަާލް ވިދާޅުވިއެވެ.
ކަމާލް އިތުރަށް ވިދާޅުވީ މިހާރު ގެންގުޅޭ ކްރެޑިޓް ކާޑު ފަރުމާކޮށްފައި އިންނާނީ އިންޓްރެސްޓް ބޭސްކޮށް ކަމަށާއި ނަމަވެސް އިސްލާމިކް ކްރެޑިޓް ކާޑުގައި އިންނާނީ ފީބޭސް ނުވަތަ ހިދުމަތެއް ހޯދުމުން އެއަށް ޗާޖުކުރާ ގޮތަށް ކަމަށެވެ. އެ މޮޑެލްއަކީ ދުނިޔޭގެ އިންޓަނޭޝަނަލް މާކެޓުގައި ޝަރުއީ ކޮންޕްލެއިން ވަރަށް ބައިވަރު ގޮތްތައް ބެލުމަށްފަހު ރާއްޖެއާގުޅޭ އެންމެ ރަނގަޅު މޮޑެލް ކަމަށް ޝަރީއާ ކޮމިޓީން ނިންމި މޮޑެލް ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލްގެ އިސްލާމިކް ކްރެޑިޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ކާޑުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ނެޓްވޯކް އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ބީއެމްއެލުން ފަރުމާކޮށްފައިވާ ކާޑެކެވެ. ބީއެލްއެލް އިސްލާމިކް ކްރެޑިޓް ކާޑުގެ އިތުރު މައުލުމާތު އެ ބެންކުގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު