ދ. މާއެނބޫދުއަށް މިއަދު ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.

މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު "ވަން" އަށް މިއަދު ވިދާޅުވީ އުދަ އަރައިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ޔޫސުފް ސައީދު ވިދާޅުވީ އުދަ އަރާފައިވަނީ ރަށުގެ ހުޅަނގު ކޮޅުން ކަމަށާއި އެ ފަރާތުގައި ހުންނަނީ ޖިއޯބޭގް ޖަހައިފައި ކަމަށެވެ. އުދަ އަރައިފައިވަނީ ކަނޑުގަދަވެ ލޮނުގަނޑު އުފުލި، ޖީއޯބޭގުތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ދެބައިކުޅަ ބޮޑު ބަޔަކަށް އުދައަރައިގެން ދިޔަ، ރަށު ތެރޭގައި ދެ ފޫޓަށް ފެން ބޮޑުވި. ހަ ގެއެކަށް ވަނީ ފެންގަނޑު ވަދެފައި. އެހެންނަމަވެސް ހިފާ ގެންގުޅޭ ތަކެއްޗެއް ގެއްލުން ލިބިފައެއް ނުވޭ،" ޔޫސުފް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެލިބަސްތާތައް ޖަހައި ގޭގެއަށް ފެންގަނޑު ނުވަންނަ ގޮތް ހަދައިފައިވާ ކަމަށެވެ.

އުދަ އެރުމުގެ ސަބަބުން ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާނެ ކަމަށް ބެލެވޭ ކަމަށާއި އެކަންކަމުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އުދައިގެ ސަބަބުން ސީދާ ލިބުނު ގެއްލުން އެނގޭނީ އެއިރުން ކަމަށް ޔޫސުފް ސައީދު ވިދާޅުވިއެވެ.