ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދެ ރައީސުގެ ބައްދަލުކުރެއްވުމުގައި ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނާއި ސިޑްސްގެ ގައުމުތައް ގުޅިގެން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށާއި ސިޑްސްގެ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދެއްކެވި ކަމަށްވެސް ބުންޏެވެ.

އެގޮތުން ޒުވާނުންނާ ގުޅޭ އެކިއެކި ކަންކަމާއި ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން އިންޑިއާ ކަނޑު ސަރަހައްދުގެ ސަލާމަތާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި މުރަކަ ފަރުތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ރައީސުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސޭޝެލްސްގެ ރައީސް ދެއްވި ކަމަށެވެ.

ސިޑްސް4ގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ގައުމުތަކަށް، ފާގަތިކަމާއި ވިލުންތެރިކަން ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ.