ރާއްޖޭގެ ތައުލީމީ ދާއިރާގައި ކިޔަވައިދޭ ޓީޗަރުންގެ ތެރޭގައި 55 އަހަރުވެފައިވާ ޓީޗަރުން ގިނަ ކަމަށާއި ނަމަވެސް ސްކޫލް ނިންމާފައި ޓީޗިންގެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޝަފީއު ރޭ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓީޗަރުން ނެތުން ކަމަށާއި ހާއްސަކޮށް ދިވެހި ޓީޗަރުން މަދުވުން ކަމަށެވެ.
"ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި 55 އަހަރުވެފައިވާ 300 އެއްހާ ޓީޗަރުން މަސައްކަތް ކުރައްވާ. ދިވެހި ޓީޗަރުންގެ އަދަދު މަދު. އަދި އޭލެވެލް ނިންމާ ޓީޗަރު ކަމަށް ކުރިމަތިލާ ދަރިވަރުންގެ އަދަދުވެސް މަދު،" ޝަފީއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހި ޓީޗަރުން މަދުވާ އެންމެ ބޮޑު އެއް ސަބަބަކީ ޓީޗަރުންނަށް ދޭންވާ ގަދަރާއި އިހުތިރާމު ނުދެވުމާއި ޓީޗަރުންނަކީ މާ މުހިންމު ބައެއްގެ ގޮތުގައި ބަލައިނުގަތުން ކަމަށެވެ. އެ ސަބަބާހުރެ ރާއްޖޭގައި 1900 އެއްހާ ބިދޭސީ ޓީޗަރުން މަސައްކަތްކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތަކީ މުދައްރިސުންނަކީ މުހިންމު ބައެއްކަމުގައި ކަނޑައެޅުން. މުދައްރިސުންނަށް ގަދަރާއި އިހުތިރާމު ދޭނެ ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ސްކޫލު ވެށި އެއްކޮށް ބައްޓަންކުރުން. މިއީ މި އަހަރުގައި އެންމެ އިސްކަމެއްދޭނެ ބައެއް ކަންތައްތައް" ޝަފީއު ވިދާޅުވިއެވެ.
އިއްޔެ ފެށި ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތް ކުރާނެއެވެ. އޭގެ ތެރެއިން ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 އެވެ. ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު