ހަމާސް އިން އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުން ބުނީ، އެ ގައުމަށް އިއްޔެ އަށް ރޮކެޓް ހަމަލާއެއް އަމާޒުވެފައިވާ ކަމަށާއި އެ ރޮކެޓުތައް އައީ ގާޒާގެ ދެކުނުން އޮންނަ ރަފާ އިން ކަމަށެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

އެ ހަމަލާގެ ޒިންމާ ހަމާސްގެ އަސްކަރީ ވިންގު ''ގައްސާމު ބްރިގޭޑްސް'' އިން ވަނީ ނަގައިފައެވެ.

އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައި މިވަނީ، ރަފާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓުން އިޒްރޭލްގެ މައްޗަށް ކުރި އަމުރަށް އަމަލުނުކޮށް، ހަމަލާތައް ވަރުގަދަ ކޮށްފައި ވަނިކޮށެވެ.