ސްޓޫޑެންޓް ލޯނަށް އެދި 1700 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށާއި ޝަރުތު ހަމަވަ ހުރިހާ ފަރާތްތަކަށް ވެސް ލޯނު ދޫކުރަން ނިންމައިފައިވާ ކަމަށް މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމުގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުގައި ސްޓޫޑަންޓް ލޯނަށް ފުރުސަތު އޮންނަނީ ހަމައެކަނި 500 ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅި 1700 ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ވެސް ސްޑޫޑަންޓް ލޯނު ދިނުމަށް ވަނީ ނިންމައިފައި ކަމަށެވެ.

ސްޓޫޑެންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވީ މި މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 1:30ގައެވެ. އެ ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނު ލިބެން ހުންނާނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.

ރައީސް ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރު ފުޅުގައި ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ދައިރާ ތަކަށް ފުރުސަތު ހޯއްދެއްވުމަށް އިސްކަމެއް ދެއްވާކަން ޝަފީއު ފާހަގަކުރެއްވިއެވެ.

"ރައީސް އެންމެ ފުރަތަމަ ވަޑައިގަތް ތުރުކީ ވިލާތުންވެސް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހާއްސަ ސްކޮލާޝިޕް ތަކެއް ހޯއްދަވައިދެއްވި. އެއީ ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމަޔަށް 30 ފުރުސަތެއް ފަހިވެގެން ދިޔަ. ޗައިނާ ސަރުކާރުން ހޯދައިދިން ފުރުސަތުތަކާއި ލޯނުއެހީގައި އިތުރު ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމަށް ހުޅުވާލި ފުރުސަތުތައް ފާހަގަ ކުރެވޭ،" ޝަފީއު ވިދާޅުވިއެވެ.

މަތީ ތައުލީމަށް ސަރުކާރުން ވަކި ހާއްސަ ދާއިރާ ތަކެއްވެސް ކަނޑައަޅާފައިވާ ކަމަށާއި އެއީ ތިމާވެށީގެ ދާއިރާ ކަމަށެވެ. އެ ދާއިރާގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ ކަންކަން ބެލެހެއްޓުމާއި ރަށްރަށުގެ އީއައިއޭގެ މަސައްކަތްތައް ކުރުމާއި ކަރަންޓާ ގުޅުންހުރި ހިދުމަތްތައް ހިމެނޭ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

"ވަރަށް ގިނަ ކުދިންތަކަކަށް މި ފަހަރު ފުރުސަތު ދެވިގެން މިދަނީ އެއް ފަހަރާ 1700 އެއްހާ ކުދިންނަށް ދެވޭނެ ކަމަށް މި ބަލަނީ. ޝަރުތުތައް ހަމަވޭތޯ މިހާރު ބަލަމުންދަނީ. ވަރަށް ގިނަ ކުދިން ކަމަށް ވާތީ ވަގުތުކޮޅެއް ބޭނުންވޭ. އަންދާޒާ ކުރަމުން މިދަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭ އިއުލާނުކޮށް ލެވިގެންދާނެ ކަމަށް،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރު ގައުމުތަކުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކުގެ ހާލަތު ރަނގަޅަށް ކިޔައިދޭން އެނގޭ، ވާހަކަދައްކަން ދަންނަ ތައުލީމީ ޒުވާނުން މުހިންމު ކަމަށެވެ،