ދިވެހި ބަހުގެ މުސްތަގުބަލަށް އޮތީ ނުރައްކާތެރިކަމުގެ ހިޔަންޏެއް އެޅިފައި ކަމަށް ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީރު ވިދާޅުވީ މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބަލާއިރު ދިވެހި ބަހަށް ނުރައްކާ އެބަ އޮތް ކަމަށެވެ.
އެ ނުރައްކާ ދިމާވާން މެދުވެރިވި ސަބަބަކީ ބޮޑެތިވަމުން އަންނަ އާ ޖީލުތަކަށް ދިވެހި ބަހުން މުއާމަލާތު ކުރަން ފުރުސަތު ނެތުންމުން ކަމަށާއި ދިވެހި ބަހުން ވިސްނަން ފުރުސަތު ނެތުންމުން ކަމަށް ނަސީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޖެހޭނީ އެފުރުސަތު އުފައްދަން. މި ވުޒާރާގެ މައިގަނޑު އެއް ބޭނުމަކީ، އަޅުގަނޑުމެން ދިވެހިބަހާ ދޭތެރޭ ވިސްނާ އެއްވިސްނުމަކީ ދިވެހި ކުދިން ވާންޖެހޭނެޔޭ ދިވެހި ބަހުން ވާހަކަ ދައްކާ ކުދިންނަށް. އެ ނަތީޖާ ހާސިލު ކުރެވޭނީ އެ ފުރުސަތު އެކުދިންނަށް ފަހިކޮށްދިނީމަ. އެކަމަށްޓަކައި ސްކޫލުތަކުގައި ދިވެހިބަސް ކިޔަވައިދޭ ގޮތް ބަދަލުކުރުން މުހިންމު،" ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި އެ ބައެއްގެ މާދަރީ ބަސް ކިޔަވައިދޭ ފަދައިން ރާއްޖޭގައި ދިވެހިންގެ މާދަރީބަސް ދިވެހިންނަށް ކިޔަވައިދެވެން ނެތް ކަމަށެވެ. ސަބަބަކީ މިއަދު ގިނަ ކުދިން ވިސްނަނީ ދިވެހި ބަހަކުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމިއްޔަތު ބޭނުންކުރުމުގެ ގައުމީ ނިޒާމުގައި އެކަން އޮންނާނެ. އެކަން ރަނގަޅަށް ތަންފީޒު ކުރެވެމުންދާ ކަމަށް ދިވެހި ބަހަށް ދިރުން އަންނާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތް އަޅުގަނޑުމެންގެ މެދުގައި އޮތް ފަރުވާއަކީ އެއީ،" ނަސީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ހުރި ހާލަތަށް ބޭނުންވާ ދިރާސާތައް ހެދުމަށް ފަހު އެކަމަށް ބޭނުންވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު