ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ޒުވާނާގެ ހާލު އަދިވެސް ސީރިޔަށް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ބުނެފިއެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" މިއަދު ވިދާޅުވީ ކަރަންޓުގައި ޖެހުނު ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ ޒުވާނާގެ އާއިލާގެ މީހަކު "ވަން" އަށް މިއަދު ބުނީ އެ ޒުވާނާ މާލެ ގެންދަން ޑޮކްޓަރުން ލަފާ ދީފައިނުވާ ކަމަށެވެ. އަދި އެ ޒުވާނާ ގާތުން މޮނީޓާ ކުރަމުންދާ ކަމަށާއި އޭނާގެ ހާލާ ގުޅޭ ގޮތުން އެއްޗެއް އިތުރު މައުލޫމާތު ދެވޭނީ 72 ގަޑި އިރު ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް އާއިލާއިން ބުންޏެވެ.

"މާލެ ގެންދަން ޑޮކްޓަރުން ލަފާ ނުދެއްވާ އަދި. ޑޮކްޓަރުން ބުނަނީ މާލެ ގެންދިޔަ ނަމަވެސް ދެވޭނީ އެއްފަރުވާއެއް ކަމަށް" އާއިލާއިން ބުންޏެވެ.

ފުލުހުން އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު މީޑިޔާތަކަށް ހިއްސާކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހުނީ އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ ކަރަންޓުގައި ޖެހުމުގެ ސަބަބުން އުނގޫރު ހޮސްޕިޓަލަށް ގެންދިޔަ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް 18 އަހަރުގެ މީހާގެ ހާލު ސީރިއަސްވުމުން އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.