ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓުގައި އިއުލާންކޮށްފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ހަރަކާތެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ސަބަބުން ކާބަން އޮފްސެޓް ކުރުމަށް އެ ކުންފުނިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްވެސް މަގުފަހިވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން ފަސް އަހަރުތެރޭގައި ފަސް މިލިއަން ގަސް އިންދުމަށް ކޮޕް28ގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށް މަސައްކަތް ކުރާނީ ޕާކިސްތާން އާއެކުއެވެ.