ތިމާވެއްޓާ ގުޅުންހުރި މައްސަލަތައް ބެލުމަށް އުފައްދާފައިވާ ގައުމީ އިދާރާ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީގޮތުން މިނިވަން ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރއިްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ކ. ގުޅިފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫއު މަޑުޖައްސާލަން އަންގައި ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލް ކުރި ހުކުމުގައި، އީޕީއޭ ބާރުވެރިކޮށް ގާނޫނީގޮތުން މިނިވަން ކުރުމާބެހޭގޮތުން ފަނޑިޔާރު ދެއްކެވި ވާހަކަފުޅާ ގުޅިގެން، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ގާނޫނީގޮތުން އީޕީއޭ މިނިވަން ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
ނަމަވެސް މިނިވަން ކަމާއެކު އީޕީއޭއަށް މަސައްކަތް ކުރެވޭގޮތް ހެދުމަށްޓަކައި، އެތަނަށް ބޭނުންވާ ވަޒީލަތްތައް ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އީޕީއަށް ބޭނުންވާ މުހިއްމު މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ފޯރުކޮށްދެމުން، އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އިކުއިޕްމެންޓްތައް ހޯދައިދީ އެތަނުން ވީހާވެސް އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރެވޭގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ގުޅީފަޅުގެ މައްސަލަ ފަދަ މައްސަލަތައް ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނެ ގޮތް ހެދުމަށް، މުޅި ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލް ވެގެން ގައުމީ ސްޓްރެޓެޖިކް އެންވަރަމަންޓަށް އެސެސްމެންޓެއް ވީހާ އަވަހަކަށް އެކުލަވާލަން ޖެހޭ ކަމަށް އެ ހުކުމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވިދާޅުވެފައިވާ މައްސަލައިގައި، މިނިސްޓަރު ވިދާޅުވި، އެފަދަ އެސެސްމެންޓްތައް ހަދަމުންދާ ކަމަށެވެ. ނަމަވެސް އެއީ މުޅިރާއްޖެ އެއްކޮށް ހިމެނޭގޮތަށް ހަދާ އެސެސްމެންޓްތަކެއް ނޫން ކަމަށާއި އެކި ސަރަހައްދުތަކުގައި ވަކިވަކިން ހަދަމުންދާ އެސެސްމެންޓްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ބ. އަތޮޅު ހިމެނޭ ސަރަހައްދުގައި އެސެސްއެމެންޓް ހެދުމަށްފަހު ޅ. އަތޮޅުގައި އެސެސްމެންޓްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އަރިއަތޮޅުގެ ބައެއް ހިސާބުތަކާއި އަރިޒޯންގެ ބައެއް ސަރަހައްދުތަކުގައިވެސް އެސެސްމެންޓް ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހުރިހާ އެސެސްމެންޓެއް ހެދިގެންދާ އިރު، މުޅި ރާއްޖޭގެ އެސެސްމެންޓެއް ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގައި އެއްފަހަރާ އެފަދަ އެސެސްމެންޓެއް ހެދިފައި ނުވަނީ، އެއީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަކަށްވާތީ، ސީދާ ދައުލަތުގެ ބަޖެޓުން އެއްފަހަރާ އެކަން ކުރެވޭނެ ވަރު ނުވާތީ ކަމަށެވެ. އެހެންކަމުން އެސެސްމެންތްތައް މިހާރު ހަދަމުންދަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ ފަންޑުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އީޕީއޭ ގާނޫނީގޮތުން މިނިވަން ކުރުމުގެ ވާހަކަތައް ދެއްކިއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު