ދިވެހީންގެ އެހީގައި ސޯމާލިއާގައި "މަސްޖިދު އަލް އަދުލު"ގެ ނަމުގައި މިސްކިތެއް އިމާރާތްކޮށް، ހުޅުވައިފިއެވެ.

އެ މިސްކިތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށް ގެންދާ ސަދަގާ ޖާރިޔާ ޕްރޮޖެކްޓުގެ ދަށުން ސޮމާލީލޭންޑުގައި ދިވެހިންގެ ނަމުގައި ބިނާކުރި މިސްކިތެކެވެ.

އައިއޭސީން ބުނި ގޮތުގައި އެއީ ޖުމްލަ 600 މީހުން ޖާގައިގެ މިސްކިތެކެވެ. ނަމާދުކުރުމުގެ އިތުރުން އެ މިސްކިތަކަކީ ފަގީރު ކުދިންނަށާއި އަންހެނުންނަށް ހިލޭ ގުރުއާނާއި އިސްލާމީ ތައުލީމު ފޯރުކޮށްދޭނެ މަރުކަޒެއް ކަމަށް އައިއޭސީން ބުންޏެވެ.

އައިއޭސީން ބުނި ގޮތުގައި މުޖުތަމައުގެ އަހުލާގީ އަދި ރޫހާނީ މަސްއޫލިއްޔަތު އަހުލުވެރިކުރުމަށާއި ރިވެތި އަހުލާގާއި ހެޔޮކަން ހަރުދަނާ ކުރުމަށްޓަކައި އެކިއެކި ވިލެޖުތަކަށް އެ މިސްކިތުގެ ޓީމްތަކުން ގޮސް ގުރޫޕް ދައުވާ ޕްރޮގްރާމްތައްވެސް ހިންގަމުން އަންނަ ކަމަށެވެ.

ސޯމާލިޔާގައި ބިނާކުރި މިސްކިތުގައި އިމާމަށް ކޮޓަރިއަކާއި ފާހާނާ އާއި ވުޟޫ ކުރުމަށް ހާއްސަ ސަރަހައްދެއް ހުންނަ އިރު، ކާޕެޓް އަޅައި އެމްޕްލިފަޔާ އަދި ހަތަރު ލައުޑް ސްޕީކަރުވެސް ވަނީ ހަރުކޮށްފައެވެ. އަދި އެ މިސްކިތުގައި ވާރޭފެން ނަގައި ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށް ޓޭންކުތަކުން ފެން ނެގުމަށް ޕަންޕުވެސް ވަނީ ހަރުކޮށްފައެވެ.

އައިއޭސީން މީގެ ކުރިންވެސް ވަނީ އެކި ގައުމުތަކުގައި ދިވެހިންގެ އެހީގައި މިސްކިތް ބިނާކޮށްފައެވެ.