ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން "ދަނޑުވެރި މަންފާ" ނަމުގައި މެޗިން ގްރާންޓު ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.

މިއީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެން ދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ.

އެގްރިކަލްޗާ މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސްކީމުގެ ތަފްސީލްތައް ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، ދަނޑުވެރި މަންފާ ސްކީމަކީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނާއި އެ ކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކީމެއް ކަމަށެވެ.

އެ ސްކީމުގެ ދަށުން ގްރާންޓު ދޫކުރާނީ އެސްޑީއެފްސީ މެދުވެރިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސްކީމްގެ ފުރަތަމަ ބުރުގެ ތެރޭގައި ހުޅުވައިލާނީ ހަމައެކަނި ދަނޑުވެރި ތަކެތި އުފެއްދުމަށް ކަމަށެވެ. އޭގެ ތެރޭގައި ގްރީން ހައުސް އިންސްޓޯލްކުރުމާއި ހައިޑްރޯފޯނިކް ސިސްޓަމްތަކާއި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ، ގްރާންޓުގެ އިތުރު ބުރުތައްވެސް ކުރިއަށްގެންދާނެ ކަމަށާއި އެ ބުރުތަކުގައި ދަނޑުވެރިކަމުގެ ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކާއި ކޯލްޑް ސްޓޯރޭޖު ފަދަ ތަކެތި ގާއިމްކުރުމަށް ހާއްސަ ކުރައްވާނެ ކަމަށެވެ.

"މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް މެޕަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވާ އަންހެނުންނާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތަށް އަހުލުވެރިކުރުވާ ޕްރޮގްރާމަކަށްވުމުން، މި ސްކީމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ވަޒަންކުރުމުގައި އަޅުގަނޑުމެން އަންހެނުންނާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ ޕްރޮޖެކްޓް ޑިރެކްޓަރު ޝަފާނާ ރަޝީދު ވިދާޅުވީ، ދަނޑުވެރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ފުރުސަތު ދީފައިވާ ކަމަށާއި އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ސްކީމަށް އެދި ހުށަހެޅޭނެ ކަމަށެވެ.