ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ދިރާސާ ހަދަން ޗައިނާ ސަރުކާރާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލެންސީ މެޑަމް ވަންގް ލިޒިންއެވެ.
މިނިސްޓްރީން ބުނީ މި މަރުހަލާގައި މަޝްރޫއުގެ ޓެކްނިކަލް ތަފްސީލުތައް ދެނެގަނެ، މަސައްކަތުގެ ޓެންޑާ މަރުހަލާއަށް ބޭނުންވާ ލިޔެލިޔުންތައް ތައްޔާރުކުރާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބުދުالله ހަލީލް އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިދިޔަ މާޗް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވިލިމާލޭގައި އަޅުގަނޑު އިއުލާންކޮށްފަވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަހިނގާ. ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޑިޒައިނިންނާއި ޓެކްނިކަލް މަސައްކަތް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެއޮތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިޒައިނިން އަދި ޓެކްނިކަލް މަސައްކަތް ނިމުމުން، ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ވިލިމާލޭގެ ރައްޔިތުންނަށް، ހިތްހަމަޖެހޭވަރުގެ ޓާޝަރީ އެ ހޮސްޕިޓަލު ވަރަށް އަވަހަށް ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު