ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބޭންކް ފަންޑް" ހުޅުވައިފިއެވެ.

ބީއެމްއެލް ފަންޑް އިފުތިތާހު ކުރުމަށް މިއަދު ސޮލައިޓުގައި ބޭއްވި ހަފުލާގައިވަނީ އެ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށްވެސް ހުޅުވާލައިފައެވެ.

ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށެވެ.

ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ.

އެ ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024ގެ ރޭގަނޑު 11:00 އަށެވެ. އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެއެވެ.

ބޭންކް ފަންޑަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ތައުލީމު، ކުޅިވަރު ތިމާވެށި އަދި މުޖުތަމައުއަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަށެވެ. އެ ޕްރޮޖެކްޓްތަކަކީ ސަސްޓޭނަބަލް އަދި މުޖުތަމައުއަށް ފައިދާ ކުރާނެ ޕްރޮޖެކްޓް ތަކަކަށް ވާންޖެހެއެވެ. އަދި ޕްރޮޖެކްޓުތައް މެދުވެރިކޮށް އާމްދަނީވެސް ހޯދިދާނެއެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް ހިދުމަތް ދެމުންދާ، މުޖުތަމައުގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓްކުރާ ކަމަށެވެ.

އެގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓުމަކް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ތައާރަފުކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަ ކަމާއެކު ފަށާ ފަންޑެއް،" ސްޓުމަކް ވިދާޅުވިއެވެ.