މިދިޔަ އަހަރު އަލަށް 23،000 ކަސްޓަމަރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ކަސްމަރުންގެ ގޮތުގައި ގުޅިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިދިޔަ އަހަރަކީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށާއި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާއަށް 2.07 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

އޭގެ އިތުރުން މިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން ބޭންކާ ގުޅުމުން 66،000 އަށް ވުރެ ގިނަ އާ އެކައުންޓްތައް އެ ބޭންކުގައި ހުޅުވުނު ކަމަށާއި އެއީ ވެސް މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ފުރިހަމަ އަދި ރައްކާތެރި ބޭންކިން ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަން. އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ 20 ޕަސެންޓަށް ދަށްކުރެވިފައި،" ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓާ އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރު ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ މެއި މަހުގައި ޑިޖިޓަލް ބޭންކިން އެސިސްޓަންޓް އާޔާ ތައާރަފު ކޮށްފައެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓެލިޖެންޓް ޗެޓްބޮޓެކެވެ.

"އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ބޭނުންވެއްޖެ ހާލަތެއްގައި ކަސްޓަމާ ސާވިސް އޭޖަންޓަކާ އާޔާ ގުޅުވާލަދޭނެ. މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން 53 އިންސައްތަ ޗެޓަށް ޖަވާބުދީފައި ވަނީ އަޔާ މެދުވެރިކޮށް. މިއިން ދައްކަދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން. އަދި އާޔާއެކު ބޭންކުގެ ޑިޖިޓަލް މުޢާމަލާތްތަކުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ،" ގުލްނާޒު ވިދާޅުވިއެވެ.

ގުލްނާޒް އިތުރަށް ވިދާޅުވީ އޭގެ އިތުރުންވެސް ބީއެމްއެލް ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު 24 ޕަސެންޓްގެ ކުރިއެރުމެއް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދިން ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރި ބުރަ މަސައްކަތް ކަމަށެވެ.