ކުރީގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާއަށް 1.1 މިލިއަން ރުފިޔާ ދައްކަން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ފަހުން ފައިސާ ދައްކާ ގޮތަށް، އަކުރަމް ކަމާލުއްދީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޗެކުގެ ގޮތުގައި މުސްތަފާ ހަތަރު ފަހަރު މަތިން ޖަމާކުރި 1.7 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކުރި ދައުވާއެކެވެ.
އެ ދައުވާގައިވާ ގޮތުން އަކްރަމްގެ އެކައުންޓަށް މުސްތަފާ ފުރަތަމަ ޖަމާކޮށްދިނީ 1.15 މިލިއަން ރުފިޔާއެވެ. ދެވަނަ ޗެކުން ތިން ލައްކަ ރުފިޔާ، ތިންވަނަ ޗެކުން ދެ ލައްކަ ރުފިޔާ އަދި ހަތަރުވަނަ ޗެކުން 60،000 ރުފިޔާ ޖަމާކުރިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި މުސްތަފާ އެދިފައިވަނީ، އޭނާ އަކުރަމް އަށް ދިން ފައިސާގެ އިތުރުން ވަކީލުންގެ ހަރަދަަށް ދިޔަ އެއް ލައްކަ ރުފިޔާވެސް ހޯދައިދިނުމަށެވެ.
އެ މައްސަލައިގައި އަކްރަމް ބުނެފައިވަނީ، މުސްތަފާއަށް ދޭން ޖެހޭނީ 400،000 ރުފިޔާ ކަމަށާއި ބާކީ ފައިސާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެކަން އަކުރަމް އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ބުނެފައެވެ. އަދި މުސްތަފާ، އަކުރަމް އަށް ދިން ކަމަށް ބުނާ ސީދާ އަދަދުވެސް އޭނާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ، އަކުރަމްގެ މައްޗަށް 400،000 ރުފިޔާ އާއި 50،000 ޑޮލަރު (773،000 ދިވެހި ރުފިޔާ) އާއެކު ޖުމުލަ 1.1 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި މުސްތަފާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު