ތ. ކަނޑޫދޫގައި ފާރެއް ދަށުވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އުމުރުން 10 އަހަރުގެ އެ ކުއްޖާގެ ގައިމައްޗަށް ފާރެއް ވެއްޓުނީ އިއްޔެ ހަވީރު މޫދަށް ގޮސް އެނބުރި ގެޔަށް ދިޔަ މަގުމަތީގައި، ގަދަ ވަޔާއެކުއެވެ.

އެ ކުއްޖާގެ އާއިލާ މީހަކު އިއްޔެ "ވަން" އަށް ބުނީ ކުއްޖާގެ ގަޔަށް ފާރު ވެއްޓުނުތާ މާގިނައިރުތަކެއް ނުވަނީސް، އެތަނުގައި ތިބި މީހުން ކުއްޖާގެ ގައިމަތިން ފާރު ނަގައި، ކަނޑޫދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންގޮސްފައެވެ.

ވޭމަންޑޫ ހޮސްޕިޓަލުގެ މެނޭޖަރު ހަަސަން ޒިޔާދު "ވަން" އަށް ވިދާޅުވީ އެ ކުއްޖާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ސީ އެމްބިއުލާންސްގައި މާގެ ގެނެސްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލު އެހުމުން ވޭމަންޑޫ ހޮސްޕިޓަލުން ބުނީ އެ މައުލޫމާތު އެ ހޮސްޕިޓަލަށް ނޭނގޭ ކަމަށެވެ.