ރާއްޖޭގެ ބޮޑު ސަރަހައްދަށް ރީނދޫ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ރީނދޫ އެލާޓް ފުރަތަމަ ނެރުނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސީޓީއާ ހަމައަށެވެ. އެ ރީނދޫ އެލާޓް މިރޭ 12:00 އަށް ހަމަވާނެއެވެ.

އެއަށްފަހު މިރޭ ނެރުނު ދެވަނަ ރީނދޫ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެ އެލާޓް ނެރެފައިވަނީ މިރޭ 12:00 އިން ފެށިގެން 4:00 އާ ހަމައަށެވެ.

ރީނދޫ އެލާޓުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވައިޖެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރިމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ހުދު އެލާޓް ވެސް ނެރެފައެވެ. ހުދު އެލާޓުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ސަމާލުގައި ވަނީ ބުނެފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) މިއަދު ބުނީ ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލެ ބުރިޖުން ދަތުރުކުރާ މީހުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ފުރާޅު ވަޔާ އެއްލައިނުލާނެ ގޮތަކަށް ހަދައި, ގަދަ ވައިގައި އެއްލާލަފާނެ އެހެން ތަކެތި ވެސް ބަނދެ ރައްކާތެރިކުރަން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކުން، ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވާ ކަނޑައިގެން ނުދާނެ ގޮތަކަށް އައްސާފައި ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.