ރައީސް ޑރ. މުހައްމަދު މުއިއްޒު، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް މުއިއްޒު، އެ ކުންފުނި އުފައްދަވާފައިވަނީ "ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކޮށްފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކު ހުޅުވާނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. ސައީދު ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކާއެކު ރާއްޖޭގެ މާލީ ދާއިރާގެ ތާރީހު ބަދަލުކޮށްލެވޭނެ ކަމަށެވެ. އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާވެސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެ ބޭންކަށް ބޭރުގެ ބައެއް އިންވެސްޓަރުން މިހާރުވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ޑިވެލޮޕްމެންޓް ބޭންކުން ސަރުކާރަށާއި ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އިންވެސްޓް ކުރަން އިތުރު ފައިސާ ލިބިގެންދާނެ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަން ސަރުކާރުން ނިންމީ ރާއްޖޭގައި މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ޖާގަ ނެތުމުން ކަމަށް ސައީދު ވިދާޅުވެފައިވެއެވެ. އަދި އެ ބޭންކުން ރައްޔިތުންގެ ތަރައްގީއަށް ފައިސާ ދިނުމަށް މާ ލުއި ގޮތްތަކެއް ފަހިވެ، ހައުސިން ފައިނޭންސިންއަށް ވެސް ލުއި ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު