އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަނެތި، އިންޑިއާ ސިފައިން އުދުއްސި ވާހަކަ، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދޮގުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނެވިއިރު 241 ކޮމިޓީން ބެލި މައްސަލަތަކުގެ ތެރޭގައި އެމްއެންއެޑީއެފްގެ ހުއްދަ ނެތި އިންޑިއާ ސިފައިން ހެލިކޮޕްޓަރު އުދުއްސި މައްސަލައެއް ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފަސް އަހަރު މަސައްކަތް ކުރިއިރު، 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތްކަން،" ގައްސާން ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ހުރި އިންޑިއާގެ އެވިއޭޝަން ޕްލެޓްފޯމްތަކުން އަބަދުވެސް އޮޕަރޭޓް ކޮށްފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް އެމްއެންޑީއެފުން ހުއްދަ ލިބިގެން ކަމަށެވެ.

"ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ދަތުރަކީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން 2019 އޮކްޓޫބަރު 09 ގައި ކުރި ދަތުރެއް، އެ ދަތުރުގައި ކުއްލި ހާލަތެއް ދިމާވެގެން އެމެޖެންސީގައި ތިމަރަފުށި އެއާޕޯޓަށް ލޭންޑް ކޮށްފައިވަނީ އޭޓީސީގެ ހުއްދައާއެކު،" އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

އެމަޖެންސީކޮށް ތިމަރަފުށި އެއާޕޯޓަށް ޖައްސަން ޖެހުނީ ހެލިކޮޕްޓަރުގެ ކްރޫއިންގެ ސަލާމަތަށްޓަކައި ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.