ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިންތަކުން މިހާރު ވެއިޝިން ޕޭ ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެެވެ.
ބީއެމްއެލް އިން މިއަދު ބުނީ، ވީޗެޓް ޕޭ، އެ ބޭންކުގެ ޕީއޯއެސް ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖެހުމާއެކު ޗައިނާގެ މަގުބޫލު އެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެ ކަމަށެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.
"އަޅުގަނޑުމެން މި ހިދުމަތް ފަށާފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ހިމެނޭ ވިޔަފާރިތަކުން. ބޭންކުގެ ޕީއޯއެސް ނެޓްވޯކުގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިއުމާއެކު ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ އެއް ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާ ދެއްކޭނެ ގޮތް ފަހިވެފައި،" ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ، ބީއެމްއެލްގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ކަމަށާއި މިއަދު ގެނައި ބަދަލާއެކު ބީއެމްއެލްގެ ކަސްޓަމަރުން އިހުތިޔާރުކުރާ ގޮތަކަށް ފަސޭހަ ކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.
އެގޮތުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު