އައްޑޫ ސިޓީގެ މަތިކިޅި އިކޯ ގާޑަންއަށް ވަނުމަށްޓަކައި ފީއެއް ނެގުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ކައުންސިލުން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ މަތިކިޅި އިކޯ ގާޑަންއަށް ވަނުމަށްޓަކައި ދިވެހިން އަތުން 10 ރުފިޔާ އަދި ފަތުރުވެރިން އަތުން 50 ރުފިޔާގެ ފީއެއް މީގެ ފަހުން ނަގާނެ ކަމަށެވެ. އަދި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ މީހުން އިކޯ ގާޑަންއަށް ވަނުމަށް 15 ރުފިޔާގެ ފީއެއް ދައްކަން ވާނެ ކަމަށެވެ.

އިކޯ ގާޑަންއަށް ވަދެވޭނީ ޓިކެޓެއް ނަގައިގެން ކަމަށާއި ޓިކެޓު ފީ އަކީ އެ އަގުތައް ކަމަށެވެ. އަދި ފީ ނަގައިގެން ވެސް އިކޯ ގާޑަންއަށް ވަދެވޭނީ ގިނަވެގެން 45 މިނިޓަށް ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ބުނީ ޕާޓީތަކަށާއި ހަފުލާތަކަށް އިކޯ ގާޑަން ކުއްޔަށް ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަފުލާތަކަށް އިކޯ ގާޑަން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން ތިން ގަޑިއިރަށް ކަމަށާއި އެއީ 800 ރުފިޔާއަށް ކަމަށް ކައުންސިލުން ބުންޏެވެ.

ތިން ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާ އިތުރަށް ނަގާނެ ކަމަށެވެ. ގަޑިއިރެއް ހަމަ ނުވިކަމުގައިވިޔަސް އެ 100 ރުފިޔާ ނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އިކޯ ގާޑަންއިން ލިބޭ އާމްދަނީ ޖަމާ ކުރަން ނިންމާފައިވަނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށެވެ.