މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ސަރަހައްދެއް ތަރައްގީކުރަން ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ)އާ ހަވާލުކޮށްފިއެވެ.

މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕެޑަސަންއެވެ.

އިފްޒާއާ ހަވާލުކޮށްފައިވަނީ ކ. ފުނަދޫގައި ހަދާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭ އިތުރު އެއްބަސްވުމެއްގައި ސޮއިކޮށް، އުތުރާއި ފުނަދޫގައި ފައިނޭންޝަލް ސެންޓަރު ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ފުނަދޫ ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިން އެސްޓީއޯ އާއެކު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފުނަދޫގައި ހަދާފައިވާ ފިއުލް ފާމު ބަދަލުކުރަނީ ކ. މާގިރިފަޅަށެވެ. ސައީދު ވިދާޅުވި ގޮތުގައި، ފުނަދޫގައި ހަދާ ފައިނޭންޝަލް ސެންޓަރަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ މަޝްރޫއުގެ ތެރެއިން ތަރައްގީކުރާ ފުނަދޫ-މާލެ-ހުޅުލޭ-ހުޅުމާލޭ ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.