ރާއްޖޭގައި ސެންޓްރަލް ޖަލެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
އިސްކަންދަރު ކޮށީގައި ހޯމް ސެންޓާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ހުރި ވަކިވަކި ޖަލުތަކުގެ ބަދަލުގައި ސެންޓްރަލް އެއް ޖަލު ހެދުން ކަމަށެވެ.
"އެކަން އެގޮތަށް ކުރުމަށް (ސަރުކާރުން) މިހާރު ނިންމާފައިވަނީ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ސެންޓްރަލް ޖަލެއްގެ އެންމެ ބޮޑު ބޭނުމަކީ، ގޮޅިތަކުގައި ބަންދުކުރާ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނެސް، އެ މީހުންނަކީ ފައިދާކުރަނިވި ބަޔަކަށް ހެދުން ކަމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، އަމާޒަކީ ޖަލުތަކުގައި މީހުން ގެންގުޅެން ނުޖެހޭ މާހައުލެއް ގާއިމުކުރުން ކަމަށާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައްވެސް ފަރުމާކުރާނީ އެކަމަށް އިސްކަންދީގެން ކަމަށެވެ.
ސެންޓްރަލް ޖަލެއް ހަދަން ސަރުކާރުން ނިންމި އިރު، ކުރީ ސަރުކާރުން ވަނީ ނޭކުރެންދޫގައި އިންޑަސްޓްރިއަލް ޖަލެއް (އޯޕަން ޕްރިޒަން) އެއް ހަދަން ނިންމައި، އެކަން ކުރަން ބަޔަކާވެސް ހަވާލުކޮށްފައެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަކަށް ނުދެއެވެ. އެއިރު ސަރުކާރުގެ ވިސްނުމަކީވެސް އެއް ޖަލެއްގައި އެންމެން ގެންގުޅުމެވެ.
މިހާރު ރާއްޖޭގައި ހުރީ ތިން ޖަލެވެ. އެއީ، މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލެވެ.
ޚަބަރު
ޚަބަރު
ޚަބަރު