ހެލިކޮޕްޓަރުތަކާއި ޑޯނިއާތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ރާއްޖެއަށް އައިސްފައި ވަނީ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި ތިބި 76 އިންޑިއާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖޭން ފައިބައިފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި މިހާރު ހަރަކާތްތެރިވަނީ މަދަނީ މީހުން ކަމަށެވެ. އުޅަނދުތައް އޮޕަރޭޓްކުރަން ތިބި 76 ސިފައިންގެ ބަދަލުގައި ގެނައީ މަދަނީ މީހުންގެ އަދަދަކީ 76 ކަމަށެވެ.

އަދި އެމީހުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެ މަދަނީންނަކީ ހެލިކޮޕްޓަރު އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ކުރިން ވެސް ސިފައިން ތިބި އަދަދަކީ އޮޕަރޭޝަނަށް ސީދާ ބޭނުންވާ އަދަދު ކަމަށެވެ، ދިވެހިންގެ ކަންބޮޑުވުމަކަށް އޮތީ ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުން ކަމަށާއި ސިފައިންގެ ބަދަލުގައި މަދަނީ މީހުން ތިބުމުން މައްސަލަ ހައްލުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން ވެސް އައިސްތިބީ އޮޅުވާލައިގެނެއް ނޫން ދެއްތޯ؟ އެހެންވީމާ، އިންޑިއާގެ މަދަނީ މީހުންނޭ އިންޑިއާ ސަރުކާރުން ބުނީމާ އަޅުގަނޑުމެން ގަބޫލުކުރަންނުޖެހޭ ސަބަބެއް ނެތް ދެއްތޯ؟،" އޭނާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ސިވިލިއަނުން ޖަވާބުދާރީވާން ޖެހޭނީ އިންޑިއާ އަސްކަރިއްޔާއަށް ނޫން ކަމަށާއި އެމީހުން ޖަވާބުދާރީ ވާނީ ޑިފެންސް މިނިސްޓްރީއަށާއ އެމްއެންޑީއެފްއަށް ކަމަށެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ މިހާރު ރާއްޖެ އައިސްތިބީ މަދަނީ މީހުން ކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެމީހުންގެ ޕާސްޕޯޓުތަކާއި އެމީހުންގެ ވަނަވަރުތައް ބަލާފައި، އަޅުގަނޑުމެންނަށް އެއީ ސިވިލިއަނުންކަން މިއަދު ދިވެހި ރައްޔިތުންނަށް ދެންނެވޭނެ،" ޣައްސާން ވިދާޅުވިއެވެ.